އަހަރެންގެ މަހާނަ

ރޯކަން އެނގެއެވެ. ގިސްލާ އަޑު އިވެއެވެ. ކަރުނަތައް ފޭދެމުންދާތަން ފެނެއެވެ. ތިޔަ ކަންކަމުން އެކަނި ވެސް ހިތުގެ ރިހުން ބުނެދެއެވެ. އަރާފައިބާ ޝުޢޫރުތައް ކިޔައިދެއެވެ. ހިތުގައި ތިޔައަޅާ ވޭންތައް ތަސައްވުރު ކޮށްދެއެވެ.

މިއީ ހާދަހާވާ އެކަނިވެރި މަންޒިލެކެވެ. ހާދަހާވާ ހިމޭން ދުނިޔެއެކެވެ. މުނިފޫހިފިލުވުމެއް ނުވެއެވެ. ކުޅުމާ މަޖާކުރުމެއް ނެތެވެ. ކެއުމާއި ބުއިމެއް ނެތެވެ. ހަސަދައާއި ރުޅިވެރިކަމެއް ނެތެވެ. އަނިޔާއާއި ބޭއިންސާފެއް ނެތެވެ. ކުރާނެ މަސައްކަތެއް ނެތެވެ. ފައިސާއަކީ މިތަނަށް މުހިންމު އެއްޗެއް ނޫނެވެ. އޮތީ ދިގު ނިންޖެކެވެ. ހެޔޮ ޢަމަލުތައް ނުވާނަމަ އަހަރެންގެ ހާލަކީ ކޮބައިބާވައެވެ.

ތިބާއާ އަހަރެންނާ ދެމެދު މާ ދިގު ރާސްތާއެއް ނުވެއެވެ. ފަސްވަރަށް ފޫޓުގެ ދުރުމިނެވެ. އެކަމަކު މި ތިބެވެނީ ދެ މީހުންނަށް އާލަމެއްގައެވެ. ވަގުތު ހިގަނީ ދެ ގޮތަކަށެވެ. އިރާއި ހަނދުގެ ދައުރުވުމެއް މި އާލަމަކު ނުވެއެވެ.

ދުނިޔޭގެ ވިސްނުމަކުން ވިސްނާނަމަ ތިޔަ އުފެދޭ ސުވާލުތަކަށް ދޭނެ
ޖަވާބެއްނެތެވެ. ތިބާ ތިޔަ ވިސްނަނީ މާއްދީ ވިސްނުމަކުންނެވެ. ރޫޙާނީ ޣިޒާ ނަފުސަށް ދޭށެވެ. ތިބާ އެދެނީ އަހަރެން މަރު ނުވާށެވެ. އަބަދުވެސް ކައިރީގައި ހުންނާށެވެ. އެކަމަކު މަރުވާނެކަން ގަބޫލުކުރާށެވެ. ތިބާގެ ހިތަށް ތިޔައަރަނީ ކައްވަޅުގައި މިހާރު އަހަރެން އޮންނާނެގޮތެވެ. ގަބުރަށް ވާނެގޮތެވެ. މަސްތަކާއި ނާރުތައް ނެތިދާނެ ގޮތެވެ. އިސްތަށިތަކާއި ނިޔަފަތިތަކަށް ވާނެގޮތެވެ. ދަތްޕިލައާއި ކަށިތަކަށް ވާނެގޮތެވެ. އެއީ މާއްދީ ތަކެއްޗެވެ. އެ ތަކެއްޗަށް ވާ ގޮތަށް ވުރެ ބޮޑަށް ވިސްނަންވީ ރޫޙަށް ވާނެގޮތެކެވެ. އޭގެ މަޤާމާއި ދަރަޖައެވެ. އެކަމަކު އެއީ އެއްވެސް މީހަކަށް އެނގޭނެ ކަމެއް ނޫނެވެ. ހެޔޮ ޢަމަލުތަކާއެކު ދުނިޔެ އުޅެފައި ދިޔަ މީހަކާ މެދު ބުނެވިދާނެއެވެ. އޯގާތެރި ހިތްތިރި ޒާހިދު މީހަކާމެދު ހީކުރެވިދާނެއެވެ. ދީނަށް އުޅުނު އިޚްލާޞްތެރި މީހަކާމެދު ދެކެވިދާނެއެވެ. އޭނާއަށް ﷲ މިންވަރު ކުރައްވާނީ ރަނގަޅުގޮތެވެ. އަދި އެކަމަށް އެދި ދުޢާ ވެސް ކުރެވިދާނެއެވެ.

މަރަކީ ދަތުރެއްގެ ފެށުމެވެ. އެއީ ނިމުމެއް ނޫނެވެ. އަބަދުވެސް އެކަން ހަނދާނުގައި ބަހައްޓާށެވެ. ތިޔައީ ހަގީގީ ގޯތި ނޫންކަން ގަބޫލުކުރާށެވެ. ތިބާގެ ވެސް ހަގީގީ މަންޒިލަކީ މި ދަތުރެވެ. އަހަރެންނަކަށް ދެނެއް އެނބުރި ތިޔަ ދުނިޔެއަކަށް ނުދެވޭނެއެވެ. ލޯބި ނުވާތީއެއް ނޫނެވެ.

އަޖައިބެއެވެ. މަރުގެ ޚަބަރަކީ ހިތި އަދި ވޭންހުރި ޚަބަރެކެވެ. އެކަމަކު ގިނަ މީހުންނަށް އެއީ ހިނދުކޮޅެއްގެ ކަމެކެވެ. އެ ހަނދާންތައް އިސާހިތަކު ހިނގައިދާނެއެވެ. ދެން މަރުމައްޗަކުން ހަނދާނެއް ނުވާނެއެވެ. ހަނދާން ވިޔަސް ތިޔަ ހިތްދަތިކަމެއް ނުހުންނާނެއެވެ. އެއީ ފިލާދަނިވި ހިޔަންޏެކެވެ.

މަރަކީ ބާރުގަދަ ހަތިޔާރެކެވެ. ހިތްތައް ވަގުތުން މަޑު ފުށްކޮޅަކަށް ހަދާލައެވެ. އޯގާތެރިކަމާއި ހަމުދަރުދީގެ ޝުޢޫރުތަކުން ހިތްތައް ފުރާލައެވެ. ޣާފިލުކަމުގެ ނިދިން ހޭލައްވާލައެވެ. މާޒީ ކަޝްފުކޮށް ދެއެވެ. ފާފަތައް ހަނދާނަށް ގެނެސް ދެއެވެ. ތަޢުބާވާން ވިސްނައިދެއެވެ. އެކަމަކު ހަމަ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެ ހިތްތައް ހަރުވެއެވެ. މަރާ ދުރަށް ދިޔަވަރަކަށް އަނިޔާވެރިކަން ގަދަވެގަނެއެވެ. ކަލާނގެއާ ދުރުވެއެވެ. އެހެން ނުހަދައްޗެވެ.

ތިބާގެ ދުޢާގެ މީރު ވަސް އެބަ ދުވައެވެ. ހިތާހިތުން ކުރާ ހެޔޮ ދުޢާގެ ވަސްމީރެވެ. އެ ދުޢާގެ ސަބަބުން އަލިވެއެވެ. އެ އަލިކަން އަންނަނީ ގަދަވަމުންނެވެ. ކައްވަޅު ދަނީ ތަނަވަސް ވަމުންނެވެ. މި ހިނދުގައި ގިނަގިނައިން ދުޢާކޮށްދޭށެވެ.

ޖަނާޒާގައި ބައިވެރިވާން ސަހަރާތެރެއަށް ވަންނަ ކޮންމެ ފަހަރަކު އެތަނުގައި ހުންނަ މަހާނަތަކަށް ނަޒަރު ހިންގާލެވެއެވެ. ކޮންމެ ވެސް ދުވަހަކުން އެގޮތަށް އަހަރެންގެ މަހާނަ ވެސް ހުންނާނެއެވެ. މިހާރު އެތަނުން އެއް މަހާނައަކީ އަހަރެންގެ މަހާނަކަމަށް ކުއްލިއަކަށް ހިތަށް ވަދެއްޖެއެވެ. އެ މަހާނައިގެ އަޑު އިވެންފަށައިފިއެވެ. އެކަނިވެރިކަމާއި ހިމޭންކަމުގެ ތެރެއިން ހިތާ ހަމައަށް އެ އަޑު ފޯރަން ފަށައިފިއެވެ. ދިރިތިބީންނެވެ. ހެޔޮ ދުޢާ ކޮށްދޭށެވެ.

ފޮޓޯ: މުނައްވަރު

image