ތަސްވީރަކާ ބެހޭ ވާހަކައެއް: ޖަމާލު އައްދުއްރާ އާއި އޭނާގެ ދަރިފުޅު މުހައްމަދުގެ ވާހަކަ

ތިރީގައި އެވާ ތަސްވިރު ރަމްޒުކޮށްދޭ ހަގީގަތަކީ ކޮބާ ހެއްޔެވެ؟ އެ ހަގީގަތް ހިނގީ ކޮން އިރަކު ކޮންތާކު ހެއްޔެވެ؟ އެ ތަސްވީރު ހަނދާން ކޮށްދެނީ ކޮން ކަމެއް ހެއްޔެވެ؟ ތިރީގައި އަޅާލެވޭ ފޮޅުވަތްތަކުގައި މި ސުއާލުތަކުގެ ޖަވާބު ލިޔެލަން ގަސްދުކުރަމެވެ.

އަދި އެއްފަހަރު ތަސްވީރަށް ބަލާލާށެވެ! ތަސްވީރުން ފެންނަނީ ބޮޑު މީހަކާއި ކުޑަކުއްޖެއްގެ ސޫރައެވެ. އެ ދެމީހުން ތިބީ ކޮންކުރީޓު ހުރަހެއްގެ އެއްފަރާތުގައެވެ. ބޮޑު މީހާ ކުޑަ ކުއްޖާއަށް ރައްކާތެރިކަން ހޯދައި ދެވޭތޯ މަސައްކަތްކުރަމުން ދެއެވެ. އާދެ، ތަސްވިރު ދައްކައި ދެނީ މި މަންޒަރެވެ.

މި ތަސްވީރު ތައްޔާރުކުރި ފަންނާނު ލަފާކުރާ ކުރުމެއް އެބަ އޮތެވެ. މި މަންޒަރު ފެނުމުން، އެންމެންވެސް މި މަންޒަރު އިޝާރަތްކުރާ ހާދިސާ ހަނދާނަށް އަންނާނޭ ކަމެވެ. އެ ހާދިސާ ހިނގީ 2000ވަނަ ސެޕްޓަމްރު މަހު ތިރީސް ވަނަ ދުވަހުއެވެ. މި ހާދިސާ ހިނގިތާ މިއަދަށް މިހާރު ބާވީސް އަހަރު ފުރުނީއެވެ. ނަމަވެސް، އިއްޔެ ވީކަމެއް ހެން، މި މަންޒަރު ވަރަށް ގިނަ ބައެއްގެ ހިތުގައި ބިންވަޅު ނެގި، ހަރުލާފައި ހުންނާނެކަން މި ތަސްވިރު ތައްޔާރުކުރި ފަންނާނު ލަފާކުރާ ކަހަލައެވެ. އަނިޔާވެރިކަމާއި ބޭ އިންސާފަށް ނަފުރަތުކުރާ މީހުންގެ ހިތްތަކުގައެވެ. ނިޔާއާއި އިންސާފުވެރިކަމަށް ލޯބިކުރާ މީހުންގެ ހިތްތަކުގައެވެ.

މި ތަސްވީރު އިޝާރާތްކުރާ ހަގީގީ ހާދިސާ މަތިން ހަނދާން އާކޮށްލަމާ ހެއްޔެވެ؟ މިހާދިސާ ހިނގީ ޣައްޒާގައެވެ. މި ހާދިސާ ގުޅެނީ އިޒުރޭލުގެ އަނިޔާވެރި އަސްކަރީ އިހުތިލާލާ އިދިކޮޅަށް ފަލަސްތީނު ރައްޔިތުން ދެވަނަ ފަހަރަށް ތެދުވި ތެދުވުމާއެވެ. ތަސްވީރުން ފެންނަ ބޮޑު މީހަކީ ޖަމާލަ އައްދުއްރާއެވެ. ކުޑަ ކުއްޖަކީ އޭނާގެ ލޮބުވެތި ދަރިފުޅު، އުމުރުން ބާރަ އަހަރުގެ މުހައްމަދެވެ. ބައްޕައާއި ދަރިފުޅު ސަލާމަތްވާން މަސައްކަތް ކުރަނީ އެދެބައފައިންނާ ދިމާއަށް އިޒުރޭލު ސިފައިން ފޮނުވަމުން ދިޔަ ބަޑީގެ ވަޒަންތަކުންނެވެ. ނަމަވެސް، އެންމެ ފަހުން ކުޑަކުޑަ މުހައްމަދު އިޒުރޭލު ސިފައިންގެ ބަޑީގެ ޝިކާރައަކަށްވެ، ޝަހީދުވީއެވެ. މި މަންޒަރު، މިހާދިސާ ހިނގަމުން ދިޔައިރު، ރިޕޯޓަރަކު ރެކޯޑު ކުރިއެވެ. އަދި އެއަށް ފަހު، އާންމު ޓީވީއެއްގައި މި މަންޒަރު ދެއްކުނެވެ.

އާންމު ގޮތެއްގައި، އިޒުރޭލު ސިފައިންނާއި އަދި ނުހައްގަން އަތުލައިގަންފައިވާ އަރަބި ބިންތަކުގައި ވަޒަން ވެރިވެގެން އުޅޭ ހައްދުފަހަނައަޅާފައިވާ ދީނީ ޒައިނުސްޓުން ފަލަސްތީނު މީހުންނަށް ގަސްދުގައި އެކި އެކި އަނިޔާދެއެވެ. ފަލަސްތީނު މީހުންގެ ބިންތައް ހަލާކުކުރުމެވެ. އެމީހުންގެ ގޭގެއަށް ގެއްލުންދީ، ތަޅާލައި ނެތިކޮށްލުމެވެ. ނޫން ނަމަ ފަލްސަތީނު މީހުންގެ ގެއިން އެމީހުން ބޭރަށްލައި އެމީހުންގެ ގެތަކުގައި މިނަންގަތް ޒަޔަނިސްޓުން ވަޒަންވެރިވެ އުޅެން ފެށުމެވެ. މީގެ އިތުރުން، ދަންވަރު ދަޅައިގައި ފަލަސްތީނު މީހުންގެ ގޭގެއަށް ވަދެ، ފަލަސްތީނު މީހުން އޮރިޔާންކޮށް ފާސްކޮށް ހަދައެވެ. ބައެއް ފަހަރު، މައިން އެމައިންގެ ދަރިންގެ ކުރިމަތީގައި ވެސް މިފަދައިން ކަންތައް ކުރެއެވެ. މީގެ އިތުރުން ފަލްސަތީނު ކުދިންނާއި މީހުން މެރުމަކީ ވެސް އާންމުކޮށް ހިނގާކަންކަމެވެ. މި ފަދަ ހުރިހާ ކަންކަމީ އާންމު ގޮތެއްގައި ނޫސްތަކުގައި ލިޔެ ޝާއިކުރެވިފައި ހުންނަ ކަންކަމެއް ނޫނެވެ. ނަމަވެސް ޖަމާލު އައްދުއްރާއާއި އޭނާގެ ދަރިފުޅު މުހައްމަދުގެ ހާދިސާ، އެކަން ހިނގަމުން ދިޔައިރު، ރެކޯޑު ކުރެވި އަދި ބައެއް ބޭރު ޓީވީތަކުން މި ހާދިސާ ހިނގާ ދިޔަ ގޮތް ފެނުމުން، މިކަންވީ މިފަދަ އެހެން ހާދިސާތައް އޮއްބާލާފަދައިން އޮއްބާލަން ދަތިވި ހާދިސާއަކަށެވެ. އިޒުރޭލުގެ ރަސްމީ ބައެއް ފަރާތްތަކުން މިކަން ހިނގީ މިވެނިހެންނޭ އެވެނިހެންނޭ ބުނެ، މިކަމުގައި އެމީހުންގެ ސިފައިންގެ މަސްއޫލިއްޔަތު ކުޑަކުރަން މަސައްކަތް ކުރެވުނެވެ. ނަމަވެސް، ގިނަ ބަޔަކު ދުށީ މިއީ ގަސްދުގައި ކުރެވުނު ކަމަކަށެވެ. އާދެ، ކުޑަކުޑަ މުހައްމަދު މަރާލެވުނީ ގަސްދުގައި ކަމެވެ.

މި ތަސްވީރު، ރަމްޒީ ސިފައެއެއްގައި، ހަނދާންކޮށްދެނީ ފަލަސްތީނު އާންމު މީހުންގެ ހާލަތެވެ. އެމީހުންނާ ކުރިމަތިވެފައިވާ ދަތި އުނދަގޫ ދިރިއުޅުމެވެ. އެމީހުންގެ އަބުރަށް، ފުރާނައަށް، މުދަލަށް، އެއްވެސް ހުރުމަތެއް ނުވާކަމެވެ. ކޮންމެ ހިނދުކޮޅެއްގައި ވެސް، އެމީހުންގެ އަބުރަށް އަރައިގަނެވިދާނޭ ކަމެވެ. ކޮންމެ ހިނދުކޮޅެއްގައި ވެސް އެމީހުންގެ ފުރާނަ ނެތިކޮށްލެވިދާނޭ ކަމެވެ. ކޮންމެ ހިނދެއްގައި ވެސް، އެމީހުންގެ ގެދޮރާއި މުދަލަށް ގެއްލުން ދެވިދާނޭ ކަމެވެ.

އެހެންވެ، އަނިޔާއާއި ބޭއިންސާފުވެރިކަމަށް ނުރުހޭ ނަމަ، ނިޔާއާއި އިންސާފުވެރިކަމަށް ރުހޭ ނަމަ، މި މައްސަލަ ރަނގަޅަށް ދަސްކުރަން ޖެހެއެވެ. މި މައްސަލައާ ބެހޭ ގޮތުން ކިޔައި، މިކަމާ ބެހޭ ތެދު މައުލޫމާތު ހޯދަން ޖެހެއެވެ. ތާރީޚަކީ ބައެއް ފަހަރު، ބާރުވެރި ފަރާތް ބޭނުންވާ ގޮތަށް ބަދަލުކޮށްލެވި، އަލުން ލިޔެވޭ އެއްޗެކެވެ. އެހެންވެ، ތެދު ދޮގު، ބައެއް ފަހަރު އޮޅޭ ގޮތް ވެސް ވެއެވެ. ނަމަވެސް، ފަލަސްތީނުގެ މައްސަލައަކީ ހަގީގަތް ހޯދަން ބޭނުން މީހަކަށް އެކަން ހޯދެން އޮތް މައްސަލައެކެވެ. މައްސަލައާ ބެހޭ އިހުގެ ގިނަ ގުނަ ލިޔުންތައް ލިބެއް އެބަ ހުއްޓެވެ. މިފަދަ ލިޔުންތައް ބަލައި، ދިރާސާކުރުމުން، ތިމާގެ އަމިއްލަ ސިކުނޑިއަށް، ތެދު ހަގީގަތް ފެންނާނެއެވެ.

އާދެ، ޖަމާލު އައްދުއްރާއާއި އޭނާގެ ދަރިފުޅު ކުޑަކުޑަ މުހައްމަދު ޝަހީދުވި ހާދިސާއަށް އެކާވީސް އަހަރު ފުރުން ހަނދާންކޮށްދީ ގޮވާލަނީ މިކަމަށެވެ. މުސްލިމުންގެ މެދުގައި ކިޔުމާއި މުތާލިއާކުރުމުގެ އާ ސަގާފަތެއް އުފެއްދުމަށެވެ. މުސްލިމުންނަކީ އިހުނޭ އެއްފަދައިން އަލުން އިލްމުވެރި ބަޔަކަށް ވުމަށެވެ. އެމީހުންގެ ސިކުނޑިތައް މިނިވަންކޮށް، އެމީހުންނަކީ، ހަމައެކަނި އިލްމު ބޭނުންކުރާ ބަޔަކަށް ވުމުގެ އިތުރުން އިލްމު އުފައްދާ ބަޔަކަށްވުމަށެވެ. ސިކުނޑިއާއި ފިކުރުގެ މިނިވަންކަން ލިބިގެން މެނުވީ، ހަށިގަނޑާއި ގެދޮރުގެ މިނިވަންކަމެއް ނުލިބޭނެއެވެ.