#dhivehiarchives
އައްޑޫ ހިތަދޫ އަލްވަޒީރު ބަނޑޭރި ހަސަން މަނިކުފާނުގެ މަހާނަ. މި މަހާނަ ހުރީ ހިތަދޫ ތަކުރުފާނު މިސްކިތު ގަބުރުސްތާނުގައި. ބަނޑޭރި ހަސަން މަނިކުފާނަކީ ދިވެހިރާއްޖޭގައި އުފެދުނު ކުޅަދާނަ ޝާއިރުންގެ ތެރެއިން ބޭފުޅެއް. ދިވެހި ބަހުގެ އަދީބެއް އަދި އެދުރެއް. އަދި ދައުލަތުގެ ފަންސަފުރަދާނައިންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ވަޒީރު ބޭފުޅެއް.
ބަނޑޭރި ހަސަން މަނިކުފާނުގެ ބައްޕާފުޅަކީ ހައްދުންމަތީ އިސްދޫ އިބްރާހީމް ޝާހުބަންދަރު (ބޮޑުވެލާނާ ތަކުރުފާނު) ގެ އަލިރަސްގެފާނުގެ ހަސަން މަނިކުފާނު (ކުރިން ހަސަން ރަސްގެފާނު) ގެ އަލިމަނިކުފާނު. މަންމައަކީ އައްޑޫ މުހައްމަދު ޝަމްސުއްދީނު ބޮޑުފަނޑިޔާރު ތަކުރުފާނުގެ ބޮޑުފާތިމާ ބީފާނުގެ އަލްވަޒީރު މޫސާ ކުޑަބަނޑޭރި ތަކުރުފާނުގެ ހިތަދޫ ބޮނޑޮގޭ އަލިތަކުރުފާނުގެ ފާތިމާ މަނިކެ.
ބަނޑޭރި ހަސަން މަނިކުފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް ސީދާ ތާރީހެއް އެނގޭކަށް ނެތް. އެހެންނަމަވެސް މަހާނަގަލުގައި އޮތް ލިޔުމަށް ބަލާއިރު ލަފާކުރެވޭ އަހަރަކީ ހިޖުރައިން 1158 ވަނަ އަހަރު. އެއީ މީލާދީ ގޮތުން 1745 ވަނަ އަހަރު. މަހާނަގަލުގައި އޮތް ތާރީހަށް ބަލާއިރު އަވަހާރަވެފައިވަނީ މީލާދީން 1807 ވަނަ އަހަރުގެ އޭޕްރިލް 4 ވަނަ ދުވަހު.
ބަނޑޭރި ހަސަން މަނިކުފާނުގެ މަހާނަގަލުގައި ލިޔެފައި އޮތީ:
"ހިޖުރައިން ހާހާ ދުއިސައްތަ ބާވީސް ވަނަ އަހަރު محرم مه 24 ވީ ހޮނިހިރު ދުވަހު މެންދުރު ވަގުތު الوزير حسن بن على بن السلطان الحاجى حسن بن السلطان على الاكرم މި حسن މަނިކުފާނު عمر ފުޅުން ފަސްދޮޅަސް ހަތަރު ވަނަ އަހަރު އަވަހާރަވީ ކަމުގެ ހަނދާން"
The grave of Ban'deyri Hassan Manikfan the famous Maldivian poet from the eighteenth century in the graveyard of Thakurufaanu Mosque in Hithadhoo in Addu Atoll. He lived between 1745 and 1807 CE. He was born in Hithadhoo in Addu Atoll to Ali Manikfan and Fathima Manike. His father was the son of Hassan Manikfan (formerly King Hassan) and the grandson King Ali of Isdhoo Dynasty. His mother was a descendant of the famous Maldivian Chief Justice Muhammad Shamauddeen (Addu Bodu Fan'diyaaru Thakurufaanu) from the seventeenth century.